
ލިޔުނީ: މޫސާ ނިމާލް؛ ޕްރިންސިޕަލް
ތަޢުލީމީ ބިނާގެ ބިންގަލަކީ ހަމައެކަނި ފޮތާއި ގަލަމެއް ނޫނެވެ. އެއީ ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމާއި، އޭނާއަށް އިޙްސާސްކުރެވޭ ރައްކާތެރިކަމެވެ. އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުގައި ވެސް، ކިޔެވުމަށް ދަތިވާ ނުވަތަ ނަތީޖާ ދަށްވާ ކުދިންނަށް “ކަންނެތް”، “ބޯހަރު” ނުވަތަ “ނުކިޔަވާ” ކުދިންގެ ލޭބަލް އެޅުވުމަކީ ޢާންމު ކަމެކެވެ. ނަމަވެސް، މަޝްހޫރު އެޑިޔުކޭޝަނަލް ކޮންސަލްޓެންޓް އެފްރެ ޓޮމް ސެމިއުލްގެ ދިރާސީ ނަޒަރިއްޔާތުން ބަލާއިރު، މިފަދަ ކުދިންނަށް ބޭނުންވަނީ އަމުރުވެރިކަމާއި ހަރުކަށިވުމެއް ނޫނެވެ. އެކުދިން އެ އެދެނީ ތަފާތު، އޯގާތެރި އަދި ޢިލްމީ ފަރުވާއަކަށެވެ.
އިޞްލާޙުގެ ކުރިން އަމާންކަން: ސިކުނޑީގެ ދިފާޢީ ނިޒާމު
ސެމިއުލް ފާހަގަކުރައްވާ ގޮތުގައި، ކުއްޖަކަށް ކުލާސްރޫމްގައި ބިރުވެރިކަން އިޙްސާސްވާ ނަމަ، އޭނާގެ ސިކުނޑި “އުނގެނުމުގެ މޯޑުން” “ސަލާމަތްވުމުގެ މޯޑަށް” ބަދަލުވެއެވެ. އަޅުގަނޑުމެންގެ ދަރިވަރުން ފިލާވަޅު ނޭނގިގެން އިސްދަށަށް ޖަހައިގެން ތިބެނީ ނުވަތަ ގޯސް ހަދަނީ ނުކިޔަމަންތެރިވާކަށް ނޫނެވެ. އެއީ ލަދުވެތިކަމާއި ފާޑުކިޔުމުން އަމިއްލަ ނަފްސު ދިފާޢުކުރުމަށެވެ. މުދައްރިސުންނާއި ބެލެނިވެރިން އިސްކަންދޭންވީ ކުއްޖާގެ ކުށް އިޞްލާޙުކުރުމުގެ ކުރިން، އޭނާއަށް އެތަނަކީ އަމާން ތަނެއްކަން ކަށަވަރުކޮށްދިނުމަށެވެ. ކާމިޔާބީގެ ފުރަތަމަ ސިއްރަކީ ބިރުވެރިކަމެއް ނެތް މާޙައުލެކެވެ.
ކުދިކުދި ކާމިޔާބީގެ ފޮނިމީރުކަން
ދިވެހި ހަރުބަހެއްގައި ބުނާ ފަދައިން “ތިކި ތިކި ޖަހައިގެން ބޮޑު ކަނޑެއް” އުފެދެއެވެ. ސެމިއުލްގެ ލިޔުއްވުމުގައި ބާރުއަޅުއްވަނީ ދަރިވަރުންނަށް ބޮޑެތި ފިއްތުންތައް ކުރިމަތިކުރުވުމުގެ ބަދަލުގައި، ކުދިކުދި ލަނޑުދަނޑިތަކެއް ކަނޑައެޅުމަށެވެ. ކުއްޖަކަށް މުޅި ޕެރެގްރާފެއް ނުލިޔެވުނަސް، ރީތި އެންމެ ޖުމުލައެއް ލިޔުމުން އެކަން ފާހަގަކޮށް ހިތްވަރު ދިނުމަކީ، އޭނާގެ އަމިއްލަ ނަފްސަށް އޮތް އިތުބާރު އިއާދަވާނެ ކަމެކެވެ. އިތުބާރަކީ އުނގެނުމުގެ ފާލަމެވެ.
ސާފު އިރުޝާދަކީ ކާމިޔާބީގެ މަގުޗާޓު
ގިނަ ފަހަރަށް ދަރިވަރުން ފަސްޖެހެނީ މަސައްކަތް ކުރަންވީ ގޮތް ސާފުނުވާތީއެވެ. “ދޭ އެއްޗެއް ނޭނގޭ” ކަމަށް ބުނެ ހަޅޭއްލެވުމަކީ ހައްލެއް ނޫނެވެ. ސެމިއުލް އިރުޝާދު ދެއްވަނީ ބަހުގެ ސާފުކަން އިތުރުކުރުމަށެވެ. މަސައްކަތްތައް ފިޔަވަޅުތަކަކަށް ބަހާލައި، ނަމޫނާ ދައްކައިދީ، ކުއްޖާގެ ހިތުގައި އުފެދޭ އޮޅުންބޮޅުންތައް ފިލުވައިދިނުމަކީ ނަތީޖާ ބަދަލުކޮށްލާނެ ކަމެކެވެ. އަޑުގަދަވުމަށްވުރެ އިރުޝާދު ސާފުވުން މާ މުހިންމެވެ.
ގުޅުން: ބަސްއެހުމުގެ އަސާސް
އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމުގައި ކުދިން ބަސްއަހާނީ، އެކުދިންނަށް މުދައްރިސާ ނުވަތަ ބެލެނިވެރިޔާއާ ދެމެދު އިތުބާރުގެ ގުޅުމެއް އޮވެގެންނެވެ. ސެމިއުލް ވިދާޅުވާ ގޮތުގައި “ކަނެކްޝަން” ނެތި “ކޮމްޕްލަޔަންސް” އެއް ނާންނާނެއެވެ. ކުއްޖާއަކީ ހަމައެކަނި “މައްސަލައެއް”ގެ ގޮތުގައި ދެކުން ހުއްޓާލައި، އިންސާނެއްގެ ގޮތުގައި އޭނާއަށް އަޅާލުމާއި ލޯބި ދޭންޖެހެއެވެ. ކުއްޖާގެ ހިތް ފަތަޙަ ކުރެވިއްޖެ ނަމަ، އޭނާގެ ސިކުނޑި އުނގެނުމަށް ތައްޔާރުވާނެއެވެ.
ކެތްތެރިކަމުން އުއްމީދު އާކޮށްދިނުން
އުނގެނުމުގައި ލަސް ކުދިންނަކީ ތަކުރާރުކޮށް ނާކާމިޔާބީއާ ކުރިމަތިލާފައިވާ ކުދިންނެވެ. އެކުދިންނަށް ބޭނުންވަނީ އެކުދިންގެ އުނގެނުމުގެ ދުވެއްޔަށް ކެތްތެރިވާނެ މުރުޝިދެކެވެ. ކެތްތެރިކަމަކީ ކުއްޖާއަށް “ތިބާއަކީ އަދިވެސް އުނގެނުމުގެ ޤާބިލުކަން ހުރި ކުއްޖެއް” ކަމުގެ މެސެޖު ދިނުމެވެ. އަވަސް އަރުވާނުލައި، އެކުދިންނަށް ފުރުޞަތު ދިނުމުން، އެކުދިންގެ ހިތުގައި ނިވިފައިވާ އުއްމީދުގެ ދަންމަރު އަލުން ރޯވެގެންދެއެވެ.
ލޭބަލް ކުރުމުގެ ބަދަލުގައި އުކުޅުތައް ހޯދުން
އެންމެ ނުރައްކާތެރި ކަމަކީ ކުއްޖާގެ ނިތްކުރީގައި “ނާކާމިޔާބު” ކުއްޖެއްގެ ސިއްކަ ޖެހުމެވެ. ސެމިއުލްގެ ދިރާސީ ނަޒަރިއްޔާ ބުނަނީ ކުއްޖާ ކިޔެވުމަށް ދަތިވަނީ ކޮން ސަބަބަކާ ހުރެތޯ ދެނެގަތުމަކީ މުދައްރިސުންގެ ޒިންމާއެއް ކަމަށެވެ. އެއީ ލޮލުގެ މައްސަލައެއް ހެއްޔެވެ؟ ނިދި މަދުވުން ހެއްޔެވެ؟ ނުވަތަ ބިރުގަތުން ހެއްޔެވެ؟ ކޮންމެ ކުއްޖަކީވެސް ތަފާތު ގޮތަކަށް އުނގެނޭ ކުއްޖެކެވެ. ބޭނުންވަނީ އެ ކުއްޖަކަށް ފެތޭނެ އުކުޅެކެވެ.
އެފްރެ ޓޮމް ސެމިއުލްގެ މި ޢިލްމީ މެސެޖަކީ މިއަދު ކޮންމެ ދިވެހި މުދައްރިސަކާއި ބެލެނިވެރިޔަކު ހިތުގެ ފުންމިނުން ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. ކިޔެވުމުގައި ދަތިތަކާ ކުރިމަތިވާ ކުދިންނަށް ބޭނުންވަނީ އަދަބުވެރިކުރުވުމުގެ ނަމުގައި ދޭ ހަރުކަށި އަދަބެއް ނޫނެވެ. އެކުދިން އެ އެދެނީ އަޅުގަނޑުމެންގެ ކެތްތެރިކަމާއި، އޯގާތެރިކަމާއި، އަދި އެކުދިންގެ ކިބައިގައިވާ ހުނަރުތައް ދެނެގަންނާނެ ފަންނީ ޤާބިލުކަމަށެވެ. އުނގެނުމުގެ ދަންމަރު ރޯކުރެވޭނީ ލޯބީގެ ތެޔޮ އަޅައިގެންނެވެ.

Leave a Reply